ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށެވެ.
އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްެލެވޭކަމަށާއި، އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށްެވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.
ރައީސްގެ ވާހަަކަފުޅުގައި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، ޢާއިލާއާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ.
އަދި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް ވާހަަކަފުޅުގައި ދަޢުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުންކަމުގައި ވިދާޅުވިއެވެ.
މިހަފުލާގައި، ރައީސް ވަނީ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި ”މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން“ އިފްތިތާޙްކޮށްދެއްވާފައެވެ.
އަދި، ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ހުންނަ ’މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން’އަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



