ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އާދީއްތަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއާ“ ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށާއި މި ދޯނީގައި ތިބީ 5 މީހުން ކަމަށެވެ.
އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
މި ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 2:40 ގައި ކަމަށާއި އެއިރު ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނައިރު ނުވާކަމަށް ކެޕްޓަން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ފަހުން ދޯންޏާއި ގުޅިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދީފައިވާ ކަމަށާއި ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް އެދިފަ އެވެ.



