ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން، އެރޭ އޭނާ ފުރަތަމަ ޒިޔާރަތްކުރި މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖުތައް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ނުލިބޭކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ގޭގެ ސީސީޓީވީ ފުޓޭޖުތަށް ނުލިބުނީ ކެމެރާތައް ހަލާކުވެފައިވާތީ ކަމަށެވެ.
މއ. މާންދޫގެ ދެކުނުގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެކެވެ.
ފުލުހުން ބުނާ ގޮތުގައި އެ ގޭގެ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާކަން ކަށަވަރުކުރުމަށް އެ މުއައްސަސާއިން ވަނީ އިތުރު މަސައްކަތްތަކެއް ކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާންދޫގެ ދެކުނުގޭގެ ޓެރަސްއާއި، ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައެވެ. ނަމަވެސް، ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުން ކުރި މި ފާސްކުރުމުން އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭ ރައުދު އަހްމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައެވެ.
އޭނާއަށް ތުހުމަތުކުރެވެނީ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ގޯނާކުރަން އުޅުނު ކަމަށެވެ. މީގެ އިތުރުން، އެރޭ ޔުމްނާއާއެކު އުޅުނު އިތުރު ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރަކާއެކު ހިފަހައްޓާފައިވެއެވެ.
މި މައްސަލައިގެ ތަހުގީގާމެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސް މެންބަރުންގެ ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އަމީންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



