އުމުރު ކަށަވަރު ނުވާނަމަ، ރަސްމީ ލިޔެކިޔުމެއް ދެއްކުމުން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ ގޮތަށް ޤާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު އެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް އުފައްދާފައިވާ ޤާނޫނަށް އަލަށް ގެންނަން ހުށަހަޅާގައިވާ މި އިސްލާހުގައި ބުނެފައިވަނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެތަކެތި ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.
މިގޮތުން ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ޝައްކު ކުރެވޭނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.



