ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ސަރުކާރުގެ ވަޒީރުން ހާޒިރު ނުކުރެވެނީ، ވަޒީރުންނާ ސުވާލު ކުރުމަށް ހުށަހަޅާ މެންބަރުންނާއި އެ ވަޒީރުންވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށް މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މެންބަރުން ވަޒީރުންނާ ކުރާ ސުވާލުތަކުގެ މައްސަލަ ލަސްވާތީ މިއަދު ވަނީ މަޖިލިހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
އެގޮތުން ވަކި ސަބަބެއް ނާންގާ ވަޒީރުން މަޖިލިހަށް ހާޒިރުކުރުން ކެންސަލުކުރާ ކަމަަށް ވިދާޅުވެ ކަންބޮޑުވުންފާޅު ކުރައްވާ ގަރާރެެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގައި މިއަދު ވަނީ އެ ގަރާރަށް ބަހުސްކޮށްފައެވެ.
ބަހުސްގެ ފުރުސަތު ހުޅުވައިލުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ނާޒިމް ވިދާޅުވީ، ވަޒީރުން ހާޒިރުކުރުން ލަސްވަނީ އެ ބޭފުޅުންނާއި އަދި ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ.
”މިހާރު ވަޒީރަކަށް ސުވާލެއް ފޮނުވުމަށް ފަހު ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމަށް ފަހު، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް، އަދި، ސުވާލުކުރެއްވި މެންބަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް،“ މަޖިލިހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވެސް ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް އެ ސުވާލު ހުށަހެޅުއްވި މެންބަރު ރާއްޖޭގައި ނެތް ކަމަށެވެ.



