ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ.
އެ އަމުރު ބާތިލު ކުރުމަށް އޭނާގެ ފަރާތުން މީގެ ކުރިންވެސް ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ އަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ހައި ކޯޓުގެ ރަޖިސްޓްރާ އެއިރު ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ރެޖިސްޓްރާގެ އެ ނިންމުން އަކްރަމްގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ، މައްސަލަ ބަލައިނުގަތުމަށް ދެޖިސްޓްރާ ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
އެގޮތުން މި މައްސަލައިގެ ޝަރީޢަތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ހައިކޯޓުން ނިންމީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.



