އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ”އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ“ ގެ ޝަރަފު މިއަދު އަރުވައިފިއެވެ.
މި ޝަރަފު ރައީސް މުޢިއްޒަށް އަރުވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް އެމަނިކުފާނު އެ ޤައުމަށް ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިކަމަށްޓަކައި އައިއައިޔޫއެމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.
އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ރައީސް މުޢިއްޒަށް އަރުވާފައިވަނީ އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މި ޝަރަފު ރައީސްއަށް އެރުއްވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ވެރިޔާ، އަޒާޒީ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.
ރައީސް މުޢިއްޒަށް މި ޝަރަފު އަރުވަމުން އައިއައިޔޫއެމްގެ ކޮންސްޓިޓިއުޝަނަލް ވެރިޔާ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށާއި ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެ މަނިކުފާނުގެ ލީޑާޝިޕް ފާހަގަކޮށްލެވޭ ކަމަށެވެ.
މި ޝަރަފު އަރުވާފައި މިވަނީ އެކަމާ ދެކޮޅަށް އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން ހުށަހެޅުމެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.




