މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު، ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުންވެސް ދަމަހައްޓައިފިއެވެ.
ޝަމްޢާންގެ މައްޗަށް ތުހުމަތު ކޮށްފައިވާ މައްސަލައިގައި މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އަދި އެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ އަމުރު އިސްތިއުނާފު ކުރުމަށް ޝަމްޢާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމީ، އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެހެންކަމުން ރެޖިސްޓްރާގެ އެ ނިންމުން މުރާޖާކުރުމަށް އެދި ޝަމްޢާންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ.
ޝަމްއާންގެ ހުށަހެޅުން ބެލުމަށްފަހު މައްސަލަ ބަލަން ޖެހޭ ކަމަށް ނިންމާ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ ޝަމްއާންގެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމުގައި، ހައި ކޯޓުން ހުކުމްކުރީ ޝަމްޢާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަވެސް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް ވަކިން ތަހުގީގު ކުރެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުން ކަނޑައެޅި އެވެ.
ހައި ކޯޓުން ހުކުމްކުރެއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ:
° އަބްދުލްމާނިއު
° މުހައްމަދު ނިޔާޒު
° ހަސަން ޝަފީއު (ރިޔާސަތު)
މި މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒުގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ނަމަވެސް ޕާސްޕޯޓް ހިފެހެއްޓީ ކޮން ބަޔެއްގެ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.



