ނޯތު ރީޖަންގެ ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އެކްސްގައި އާރްޑީސީން މިއަދު ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ނޯތު ސަރަހައްދުގެ މަގުތައް ޒަމާނީކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު މަސައްކަތް ކުރެވެމުންދަނީ ހއ.ދިއްދޫ، ހއ. އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީގައެވެ.
އާރްޑީސީން ބުނީ ދިއްދޫގައި މިވަގުތު ކުރިއަށްދަނީ އުއްމީދީ ހިނގުމުގައި ދުވާރުގެ މަސައްކަތާއި، ޤާޟީ މަގުގައި މަގު ކޮނުމާއި ބެކްފްލިނގ ގެ މަސައްކަތް ކަމަށެވެ. އަދި އިހަވަންދޫގައި އެދުރުކަލޭފާނު މަގުގައި ދުވާރުގެ މަސައްކަތް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި ހިނގަމުންދާ މަސައްކަތުގެ ތެރޭގައި އޯކިޑުމާގައި އަހުމަދީ އާބާދު މަގުގައި ދުވާރުގެ މަސައްކަތް އަދި މާމަކާފާ މައިޒާން ސަރަހައްދު ސާފުކުރުމާއި ލެވެލްކުރުމުގެ މަސައްކަތް ހިމެނޭކަމަށް އާރްޑީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ނޯތު ރީޖަންގެ އެކި ރަށްރަށުގައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއިން ގެންދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.



