ހ. މިޓާޒް ގޭގެ ފުރާޅެއްގެ މައްޗަށް، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލުމާތު ރައްޔިތުންނާވެސް ހިއްސާ ކުރުމަށް ޕޯޓަލެއް ހުޅުވުމުގެ މަޝްވަރާތަކެއް ފަށައިފިއެވެ.
މި މަޝްވަރާތަށް ކޮށްފައިވަނީ މިނިވަންކަމާއެކު މިމައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްސަ ކޮމިޝަނުންނެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ، މިއީ ހައްސާސް މައްސަލައަކަށްވެފައި ގިނަ ރައްޔިތުންގެ ވެސް ކަންބޮޑުވުން ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައާ ގުޅޭގޮތުން ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރުމަށް ޕޯޓަލެއް ހުޅުވުމުގެ މަޝްވަރާތަށް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.
”އެރޭންޖްމަންޓެއްގެ ދަށުން ޕޯޓަލްއެއް ތައްޔާރު މިކުރަނީ. އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެވޭނެ، ސުވާލުވެސް ކުރެވޭނެ. ސުވާލު ކުރުމުން އޭގެތެރޭގައި ހުންނަ އާންމު ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބުދެމުން، އިންޑިވިޖުއަލްކޮށް ވެސް ކުރާ ސުވާލުތަކަށް ޖަވާބުދެމުން، އަޅުގަނޑުމެން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަށް ވެސް އެ ޕޯޓަލުން ފެންނަ ގޮތަށް ހުންނާނީ“ ޑރ. މުނައްވަރު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. މުނައްވަރު ވިދާލުވީ، މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރި ކަމުގައިވިޔަސް، މިއީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައަކަށްވާތީ ބައެއް ކަންތައްތައް ހާމަކުރެވޭނީ ތަހުގީގު ފުރިހަމަވީމައި ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން މިނިވަން ތަހުގީގެއް ކުރުމަށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ޚާއްސަ ކޮމިޝަންގައި ހިމެނިވަޑައިންގަންނަވަނީ ޑރ. މުނައްވަރުގެ އިތުރުން:
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
- ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރު



