1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުއްވައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުތަކަށް ކުރިއަށްގެންދިޔަ އިބްތިދާއީ ބަހުސް ވަނީ ނިންމާލާފައެވެ. ބަހުސަށްފަހު ބިލު މަޖިލީހުން ބަލައިގަތުމާ މެދު ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އަޤުލަބިއްޔަތުން ބިލު ބަލައިގަތުމަށް ވަނީ ފާސްވެފައެވެ.
ބިލު ބަލައިގަތުމާއެކު މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވަނީ ބިލު ދިރާސާކުރަން ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް ހުށައަޅުއްވާފައެވެ. އެ ހުށައެޅުއްވުމަށް ތާޢީދުކުރެއްވީ ޕީއެންސީ ޕީޖީގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ. އެ ގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ އަޤުލަބިއްޔަތުން ވަނީ ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވަން ފާސްވެފައެވެ.



