މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕްރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިފަސް މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، މި މަހު 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ލޭކޮކާ، ޢަބްދުލްޢަޒީޒް ޙަސަން (38އ) އާއި ކ. ގުރައިދޫ / ގުލްފާމުގެ، ޖައިލަމް މުހައްމަދު (21އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (23އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެކަކުގެ އަތުން ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.6 ގުރާމްކަމަށްފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުހައްމަދު (21އ) އާއި ހުސައިން ޝާވިން (23އ) ފަސް ދުވަހަށް ބަންދުކުރުމަށް އަދި ޢަބްދުލްޢަޒީޒް ޙަސަން (38އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ފިއްލަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ކެވެލި، އަހުމަދު ޙަލީމް (34އ) އާއި ހއ. ފިއްލަދޫ / ޓާޓާގެ، މުޙައްމަދު ޞާދިޤު (45އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ހަލީމް (34އ) 15 ދުވަހަށް އަދި މުޙައްމަދު ޞާދިޤު (45އ) ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



