ޒުވާނުންގެ މުޒާހަރާގެ އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މަސައްކަތް ބަލައިގަންނަ ކަމަށް، މާލޭގައި މިހާރު ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނެފިއެވެ.
މި މުޒާހަރާ ހިންގުމުގައި ހަރަކާތްތެރިވާ ”ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަން“ އިން ވަނީ ދާދި ފަހުން ސަމަރ ބީޗުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިންނަޑް މައުލޫމާތު ދިނީ މިމުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެޒުވާނުން ކަމަށްވާ އަހުމަދު އަޝްފާޤުއާއި އާމިނަތު ޒާނާ އަހުމަދެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަޝްފާޤު ބުނީ ޒުވާނުން އެއްވުމުގެ މައިގނަޑު މަޤްސަދަކީ މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުން ކަމަށެވެ. އަދި އެމީހުންނަކީ ވަކިހިސާބަކަށް ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫންކަމަށާއި، އެއީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޤައުމެއް ހިންގުމަށް ހަވާލުވެފައި ތިބި ޒުވާނުންތަކެއް ކަމަށް ވެސް އަޝްފާޤު ބުންޏެވެ.
”މިހަރަކާތް ފެށިގެން އައި ދުވަހުން ފެށިގެންވެސް މިއަށް ސިޔާސީ ނުފޫޒް ފޯރުވުމުގެ ގޮތުން މަސައްކަތް ފަށާފައިވޭ. ނަމަވެސް މިކަމަކީ ސިޔާސީ މައްސަލައެއް ނޫން، މިއީ އަދުލު އިންސާފް ޤާއިމްކޮށް އެންމެންނަށް އެއް ޤާނޫނެއް ތަންފީޒުކުރުމަށް ކުރާ މަސައްކަތެއް“ އަޝްފާޤު ބުންޏެވެ.
މީގެއިތުރުން އަޝްފާޤު ބުނީ ޒަމާނުއްސުރެންވެސް ޒުވާނުން ފެއިލްވެފައިވާ ނިޒާމެއް ބަލައިނުގަންނަކަމަށާއި އެމީހުން އެދެނީ ޤައުމު އިސްލާހްކޮށް ސުލޫކީ މިންގަނޑުތަކަށް ޤައުމު ފެއްތުންކަމަށެވެ.



