ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓް ފޮޓޯއަކީ ފޭކް ފޮޓޯއެއް ކަމަށް، އެ އާއިލާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރު މިއަދު ހާމަކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، ޒުވާނުންގެ މުޒާހަރާއިން ރޭގައި ހައްޔަރުކުރި އަންހެނަކާ ގުޅޭގޮތުން ޔާސްމީންގެ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއް ކަމަށް ބުނެ ދައުރުކުރަމުންދާ ސްކްރީންޝޮޓަކީ ފޭކް ފޮޓޯއެއް ކަމަށެވެ.
އާޒިމާ ވިދާޅުވީ، ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ޔާސްމީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި އާންމުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފައި ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި، މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށްކަމަށް ބުނެ މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ދައްކުވައިދޭ ސްކްރީންޝޮޓެއް ހިއްސާކޮށްފައިވަނީ ”ހަސަން ކުރުސީ“ ނަމަކަށް ކިޔާ އެކައުންޓަކުންނެވެ.
ރޭގެ އިހްތިޖާޖު ރޫޅާލި ސަބަބާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދިޔަ ކަމަށެވެ.
އަދި މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ، އިހްތިޖާޖް ރޫޅާލީ ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.




