މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭ ސަރަހައްދުތައް ސަރުކާރުން އިތުރުކޮށްފިއެވެ.
މީގެކުރިން މާލޭގައި ހުއްދަ ނެތި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެން ތަންތަނުގައި މުޒާހަރާ ކުރުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއްގައި ކަމަށް ވާތީ، މާލޭގައި އެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.
ހޯމް މިނިސްޓްރީން އިތުރު ކުރި ސަރަހައްދު ތަކަކީ:
- ހެންވޭރު ކާނިވާ ސަރަހައްދު
- ރަސްފަންނު ސަރަހައްދު
- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
- އުސްފަސްގަނޑު ސަރަހައްދު
މާލޭގައި އެއްވެވޭނެ ސަރަހައްދުތަށް އިތުރު ކުރި އިރު، އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން މަޖީދަގުގައި ކުރަމުން އައި މުޒާހަރަތައް ބާރުގެ ބޭނުންކޮށް ރޭ ވަނީ ރޫޅާލައި ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ.




