ރާއްޖެއަށް ޓޭންކަރުތައް ގެނައީ ހަނގުރާމައެއް ކުރަން ނޫން ކަމަށާއި އެއީ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ވޭތުވެ ދިޔަ 20- 25 އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ އޮތީ އެއްފަރާތްކޮށްފައިވާ ކަމަށާއި އެ ދާެއިރާ ވަރުގަދަ ކުރުމަށް އިންވެސްޓުމެންޓުތައް ކުރަނީ ކޮންމެހެން ކުރަން ޖެހޭ އެހެންކަންތައް ހުއްޓާލާފައި ނޫން ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ރައީސްގެ ފަރާތްޕުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފަށާފައިވަނީ އެކިއެކި ދާއިރާތަކުގައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ކިޔައިދެއްވާ ޕްރެޒެންޓޭޝަނަކާ އެކުގައެވެ.
އެގޮތުން އަސްކަރީ ދާއިރާއިން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތެއް ނުކޮށް އޮންނަތާ 20-25 އަހަރުވެފައިވާ ކަމަށެވެ.
”ސަރުކާރެއް ވިއްޔާ ޒިންމާއަކަށް ވާނެ އެ ގައުމެއްގެ ދިފާއީ ބާރު ވަރުގަދަ ކުރުން. އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައެއް ކުރާކަށް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް، އަޅުގަނޑުމެންގެ މި ސަރަހައްދު ވެސް އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރިކޮށް އޮންނަން. އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމަކަށް ވީމާ އަޅުގަނޑުމެންގެ ދިފާއީ ބާރުގައި ވަރު ހުންނަން ޖެހޭނެ. ކެޕޭސިޓީ ހުންނަން ޖެހޭނެ. އެމްއެންޑީއެފްއަށް އައު ޓޭންކަރުތައް ގެނައީ ހަނގުރާމައެއް ކުރާކަށް ނޫން. ކުރިން ހުރި ޓޭންކަރުތައް ނުވެސް ދުވަނީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކުރުމަށް ވެސް އިންވެސްޓު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




