ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ހަވާލުކުރާ ބޭރުގެ ކުންފުނިތަކަށް، ބަދަލުގައި އެ ބިމުން ބައެއް ލިބޭ ގޮތަށް ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާތިލު ކުރައްވައިފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދާ ބޭރުގެ ކުންފުނިތަކަށް ކުރީ ސަރުކާރުން ލިބޭ ގޮތަށް ކަނޑައެޅި ބިންތައް ވެސް މިހާރު އެ ކުންފުނިތަކުން އަތުލައި، އެއްވަސްވުންތައް ވެސް ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އެފަދައިން ރާއްޖޭގެ ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް ދިނުމަކީ އެމްނިކުފާނު ޤަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ބިންތައް ހިއްކުމަށްޓަކައި އެ ބަޔަކު ފައިސާ ހަރަދު ކުރުމުން އޭގެ ބަދަލުގައި ރާއްޖެއިން ބިންތައް ދޫކުރުމުގެ ސިޔާސަތު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މި ސަރުކާރު ކުރިއަށް ދާނީ އެފަދައިން ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ފަރާތަކަށް ލިބޭނެ ގޮތަކަށް ނޫން ކަމަށެވެ.
މިކަމަށް ބޮޑަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުއާއި، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ވެސް ވަނީ ހިއްކާ ބިމުގެ ބަދަލުގައި ކުރީގެ ސަރުކާރުން ތިލަފުށިން ބިންތަކެއް ދޭން ނިންމާފައި ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ވެސް މިހާރު ބާތިލު ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރަސްމާލެ ބިން ހިއްކުމުގެ އެއްބަސްވުން ވެސް ކުރިން ހަދާފައިވަނީ އެގޮތަށް ކަމަށާއި އެހެންކަމުން އެ އެއްބަސްވުން ވެސް މިހާރު ބާތިލު ކުރައްވާފައިވާ ކަމަށެވެ.




