އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ހާމަކުރެއްވި ގޮތުގައި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1،207 ޖެނެރިކް ބޭހުގެ ތެރެއިން މި ވަގުތު އެސްޓީއޯއިން 784 ބޭސް ލިބެން ހުންނާނެއެވެ. މީގެއިތުރުން، އިތުރު 308 ބޭހަކަށް މިހާރު ވަނީ އޯޑަރު ދެއްވާފައެވެ.
ބޭހުގެ އަގުތަކަށް އަންނަ ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭއިން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
”އަގު ރިވައިޒްކުރީ ބޭސް ގެނައުމަށް ހިތްވަރު ދިނުމަށް، ސްޓޮކް މެއިންޓެއިންކުރުމަށް، އަޅުގަނޑު އުންމީދުކުރަނީ ހިފެހެއްޓުމެއް ނައިސް ބޭސް ގެންނާނެ ކަމަށް،“ ރައީސް ވިދާޅުވިއެވެ.
ބޭހުގެ ސަޕްލައި އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، 115 ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.
އަދި މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި މި ވަގުތު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


