މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތައް މި އަހަރު ތެރޭގައި ހަދަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހައުސިންގ މައްސަލައިގެ ފަހުން ރައްޔިތުންނަށް އެންމެ އުނދަގޫވަނީ މަގުތަކުގެ މައްސަލަތައް ކަމަށެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާނީ ޗައިނާގެ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު ވާނީ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ނިންމައި ރިޕޯޓް ހުށަހަޅާފައި ކަމަށެވެ.
އަދި ދެން އަންނަ މަރުހަލާގައި ޗައިނާގެ ފަރާތްތައް ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”އޭގެން ބޭރުން އެ ސްކޯޕްގަ ނުހިމޭނޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު މިހާރު ތާރު އަޅާފަ އޮތް ހިސާބުން ފެށިގެން އެމްއެމްއޭ އާ ހަމަޔަށް ތާރު އެޅުމުގެ މަސައްކަތް. އެބައި މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ. ސަވޭ ނިމުނުހާ އަވަހަކަށް މަހެއްހާ ދުވަސްތެރޭ މަސައްކަތް ފެށޭތޯ މަސައްކަތް ދަނީ ކުރަމުން،“ ރައީސް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ ބޭރުމަގު ތާރު އަޅައި ބައި ފުޅާވެގެންދާނެ ކަމަށާއި، އެ މަގުގައި ދެ ލޭނު އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ރައީސް މުޢިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.



