މިހާރު ތަންފީޒުކުރަމުންދާ ގާނޫނުގެ ދަށުން 14.5 މިލިއަން ސިނގިރޭޓު އަތުލައި ގަނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ، ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް ޖުމްލަ 26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައްވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ސަރުކާރުން ”ޖެނެރޭޝަނަލް ބޭން“ އެއް ގެނައުމަށް ނިންމާފައިވާއިރު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ.
ބިލު ފާސްވުމަށްފަހު ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.




