އައްޑޫ އަދި ފުވައްމުލަކުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއު 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ މިންވަރަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރެވޭނެއެވެ.
”މި މަޝްރޫއު ރޭވިފައިވަނީ ދެ ސިޓީގައި ޓޫރިޒަމް ފުޅާވަމުން އަންނަ މިންވަރަށް ވެސް ރިއާޔަތްކޮށްގެން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި މި މަޝްރޫއުގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރެވޭނީ ދަތިކަމެއް ނެތި ކަރަންޓު އުފެއްދޭ މިންވަރަށް ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކައިން މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ 32 މެގަވޮޓްގެ ޕަވަރ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.



