ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިނިސްޓަރު އިހުސާންއާ ހަވާލުކޮށްފައިވަނީ ވަރަށް ގިނަ ޒިންމާތަކެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ބޭފުޅެއްގެ ފަރާތުން އިންޓެގްރިޓީގެ މައްސަލައެއް ނުވަތަ ނަތީޖާ ނެރެދިނުމުގައި އުއްމީދުކުރާ ވަރަށް މަސައްކަތް ނުކުރެވޭނަމަ މަގާމުން ވަކިކުރައްވާނެ ކަމަށެވެ.
ނަމަވެސް އިހުސާންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
”މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބެލޭ މައްސަލައެއްގެ ތެރެއިން ކުށްވެރިވާ މީހަކު އަޅުގަނޑު އައްޔަންކޮށްފައި ހުރީއްޔާ އެމީހަކަށް ފިޔަވަޅު އަޅާނަން އަބަދުވެސް،“ ރައީސް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ވަގަށް މެމްބަރުންތަކެއް ވެއްދި ކަމަށް ބުނާ މައްސަލައިގައި އިހުސާނަށް ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެކަމުގައި ޝަކުވާއެއް އޮތްނަމަ ނިޒާމުގެ ތެރެއިން އަދިވެސް މައްސަލަ ހުށަހަޅައިގެން ބެލޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



