ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔަަސީ ނިޒާމު ކަމަށާއި ވެރިންނެއް ނޫން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަކީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް ފެށުނީއްސުރެ ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމުގައެވެ.
”ވަކި ވެރިއެއްގެ މައްސަލައެއް ނޫން. ޕާލަމަންޓަރީ ނިޒާމާއި ޕްރިފަރަންޝަލް (ގިނަ ވޯޓު ދެވޭ) ވޯޓަށް ބަދަލު ވެވިއްޖެނަމަ އެތައް ކަމެއް އިސްލާހު ވާނެކަމަށް ދެކެން“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމު ޕްރިފެރެންޝަލް ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދަށް މިދިޔަ މަހު އެދިވަޑައިގެންފައި ވަނިކޮށް، ރައީސް ނަޝީދު ވަނީ އެކަމަށް ވެސް ތާއީދުކުރައްވާފަ އެވެ.




