އިންޑިއާގެ ރިއަލީޓީ ޝޯ ”ބެޓްލް އޮފް ބޭންޑްސް“ ގައި ވާދަކޮށް ރާއްޖޭގެ ”ޓޫއޮފްއަސް“ ބޭންޑު ފަޚުރުވެރި 3ވަނަ އިއްޔެ ހާސިލު ކޮށްފިއެވެ.
”ޓޫއޮފްއަސް“ އިންވަނީ އެމީހުންގެ ކޮންމެ ހުށަހެޅުމަކާއެކު އެ ޝޯގެ ޖަޖުންގެ ހިތްތައް އަތުލާފައެވެ. އެކަން އެ ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވީ މަޝްހޫރު މިޔުޒިކް ޑިރެކްޓަރ އަނޫ މަލިކްގެ އޮހެމުންދިޔަ ތައުރީފުތަކުން ވެސް ހާމަވިއެވެ.
ގްރޭންޑް ފިނާލޭއަށް އިއްޔެ ދިޔުމުގެ ކުރިން، ސެމީ ފައިނަލްގައި ”ޓޫއޮފްއަސް“ ގެ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީ ކިޔާފައި ވަނީ ”އެހެރީ ދިވެހި ނިޝާން“ ލަވައެވެ. ދިވެހި ކަޑިތަކުން ލަވަ ފެށުމަށް ފަހު، އެ މީހުން ނިންމާލީ އޭގެ ހިންދީ ލަވައިންނެވެ. އެ ހުށަހެޅުންވެސް ވަރަށް ގިނަ މީހުންނަށް ކަމުގޮސް، ތަރުހީބުގެ ހޫނު އަތްތިލަބަޑިން މުޅި ޝޯ ގުގުމާލިއެވެ.
މި ލަވައިގެ އިތުރުން ދެން އެމީހުން ހުށަހަޅައިދިނީ 1970 ގެ ފިލްމެއް ކަމަށްވާ ”މޭރާ ނާމް ޖޯކަރު“ ގެ ”ޖީނާ ޔަހާ، މަރްނާ ޔަހާ“ އެވެ. ދިވެހިންތަކެއް ހިންދީ ލަވަތައް އެހާ ފުރިހަމަކޮށް ކިޔައިލުން ވެގެން ދިޔައީ އެ ޝޯގެ ޖަޖުން އިތުރަށް އާޝޯޚު ކުރުވަނިވި ކަމަކަށެވެ. އެރޭގެ އެޕިސޯޑުގައި، ޝޯގެ ޖަޖެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ސަލީމް މާޗެންޓު ވެސް ބައިވެރިވިއިރު އޭނާ ބުނީ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. އެ ހުށަހެޅުމަށްފަހު ވަގުތުކޮޅަކަށް އެއްވެސް އިތުރު އެއްޗެއް އަޑު އަހަން ބޭނުން ނުވާހާ ރީއްޗަށް އެ ބޭންޑުން ހުށަހެޅުން ގެނެސްދިން ކަމަށް ސަލީމް ބުންޏެެވެ.
”ބެޓްލް އޮފް ބޭންޑްސް“ އިން ”ޓޫއޮފްއަސް“ އަށް ތިންވަނަ ލިބުންއިރު ދެވަނަ ލިބުނީ އަވަށްޓެރި ޝްރީ ލަންކާގެ ބޭންޑަކަށެވެ. އެއްވަނަ ލިބުނީ މޮރިޝަސްގެ ބޭންޑަކަށެވެ.
”ޓޫއޮފްއަސް“ އަށް ތިންވަނަ ލިބުން ކަމުގައިވިޔަސް މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެ ބޭންޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.



