މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (41އ) އެ ވަގުތުހުރީ މަސްތުގެ ހާލަތުގައިކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި އޭނާވަނީ ހައްޔަރުކޮށްފައެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއްވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



