ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެއެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު މަޖިލިހުގެ ޖުޑީޝަލް ކޮމިޓީ ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.
ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި އަޒްމިރަލްދާ ވިދާޅުވެފައިވަނީ ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މީގެއިތުރުން ސުލޫކީ މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓާ މެދު ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން އެ ބައްދަލުވުމަށް ހާޒިރުވުމުގެ ފުރުސަތަކަށް ވެސް އަޒްމިރަލްދާ ވަނީ އެދިލައްވާފައެވެ.
ޖޭއެސްސީން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި އެ ކޮމިޝަންގެ ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމިއެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެ އެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.



