ޕާކިސްތާނަށް ދިން ހަމަލާތަކުގެ ސަބަބުން އާންމުންނަށް ގެއްލުމެއް ނުވާނެ ކަމަށާއި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެއްޖެއެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި 26 އަށްވުރެ ގިނަ އާންމުން މަރާލި ހާދިސާއާ ގުޅިގެން، އިންޑިއާއިން ”އޮޕަރޭޝަން ސިންދޫރު“ ގެ ދަށުން ޕާކިސްތާނުގެ 9 ސައިޓަކަށް ހަމަލާދީފައިވެއެވެ.
މި ހަމަލާގައި ޕާކިސްތާނުގެ 26 މީހަކު މަރުވެ، 46 މީހަކު ޒަހަމްވިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެފައިވަނީ މި ހަމަލާތައް އަމާޒުކުރީ އާންމުންނަށް ނޫން ކަމަށާއި، އެއީ ނިރުބަވެރި ހަމަލާތައް ރާވައި ހިންގަމުންދިޔަ މަރުކަޒުތަކަށް ކަމަށެވެ.
މި ހަމަލާތަކުގައި އިންޑިއާގެ ތިންބާރު (އަސްކަރިއްޔާ، ނޭވީ އަދި އެއާފޯސް) ގެ ޕްރިސިޝަން ސްޓްރައިކް ހަތިޔާރުތައް ބޭނުންކޮށްފައިވެއެވެ.
ނަމަވެސް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ވިދާޅުވެފައިވަނީ އިންޑިއާއިން އަމާޒުކުރި ތަންތަނަކީ މަދަނީ ތަންތަން ކަމަށާއި، ނީލަމް-ޖެލަމް ހައިޑްރޯ ޕަވާ ޕްރޮޖެކްޓްގެ އިންފްރާސްޓްރަކްޗަރއަށް ގެއްލުން ލިބުނު ކަމަށެވެ.
އަދި އިންޑިއާގެ ހަމަލާއަށް ރައްދު ދިނުމަށް އެކަށީގެންވާ ހަމަލާއެއް އެ ގައުމުން އިޚްތިޔާރުކުރާ ވަގުތެއްގައި ދޭނެ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.




