ދިވެހި ކޮންމެ ކުޑަކުއްޖަކަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއް ކަމަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން މިއަދު އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ވިދާޅުވީ، ކުޑަކުދިންނަށް އެންމެ މުހިންމީ، ބޮޑެތި މީހުންގެ ލޯތްބާއި އަޅައިލުމާއި، ރަނގަޅު މަގު ދެއްކުން ކަމަށެވެ. އަދި އެކުދިންނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއް ކަމަށް މެޑަމް ވިދާޅުވިއެވެ.

މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ފެސްޓިވަލުގައި ރައީސް އަދި ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓަރާއި، މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އަދި ފަސްޓް ލޭޑީ ވަނީ ފެސްޓިވަލްގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުން ހުށަހެޅި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.
މި ހަރަކާތްތަކަކީ ކުޑަކުދިންނާއި އާއިލާތަކުގެ ފުރިހަމަ ބައިވެރިވުމާއެކު، މުނިފޫހިފިލުވުމާއި، ތަޢުލީމާއި އެކު ބޭއްވުނު ހަރަކާތްތަކެކެވެ.




