އިންޑިއާ އާއި ޕާކިސްތާނުން ”ވަގުތުން ހަނގުރާމަ ހުއްޓާލަން“ އެއްބަސްވުމުން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވަގުތުން ހަނގުރާމަ ހުއްޓާލަން އިއުލާނު ކުރުމުން މަރުހަބާ ކިޔާ ކަމަށެވެ.
ސުލްހައާއި މަޝްވަރާގެ މަގެއް އިޚްތިޔާރުކޮށް، ސަރަޙައްދީ ހަމަޖެހުމަށް ޓަކައި ފިޔަވަޅުތައް އެޅުއްވި ކަމަށްޓަކައި ދެޤައުމުގެ ލީޑަރޝިޕަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.
މި އެއްބަސްވުން ފުރަތަމަ އިއުލާން ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އޭނާ އާއި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އަދި ސުލްހަވެރި ހައްލެއް އިޚްތިޔާރު ކުރުމުގައި ދެ ޤައުމުގެ ބޮޑުވަޒީރުންގެ ވިސްނުންތެރިކަމަށް ތައުރީފު ކުރައްވާފައިވެއެވެ.
މި އެއްބަސްވުމަށް އާދެވިފައިވަނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގެ ތެރޭގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކެއް މަރާލުމާ ގުޅިގެން އަވަށްޓެރި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދި، އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށުމަށްފަހުގައެވެ.




