ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ.
މެޓުން މިއަދު ބުނިގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި މި މޫސުމުގެ ސަބަބުން ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު، ވިއްސާރަ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެއްގަމު އުޅަނދު ދުއްވުމުގައާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.



