ހ. މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ލިބިފައިވަނީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން މިއަދު ހާމަކޮށްފިއެވެ.
ޔުމްނުގެ ދައްތަ އަގީލާ ނައީމް ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އިއްޔެ ޔުމްނުގެ އުޅަނބޮށީގެ ސާޖަރީއެއް ހަދާފައިވެއެވެ.
އަދި އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމަކީ ދާއިމީ ގެއްލުމެއްކަން ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް މިކަމުގައި އިތުރު ތަޖުރިބާކާރުންގެ ލަފާ ހޯދާނެ ކަމަށް އާއިލާއިން ބުންޏެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓި، މިޓާޒު ގޭގެ ފުރާޅުމަތިން ފެނުނު ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދު ލާފައިވާތީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ނާޒުކު ސާޖަރީއެއް ހަދާފައިވެއެވެ. އާއިލާއިން ބުނާ ގޮތުގައި އެ ސާޖަރީ ވަނީ ކާމިޔާބުވެފައެވެ.
ސޯޅަ ދުވަހަށްފަހު ހޭއަރާފައިވާ ޔުމްނުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ފަރުވާއަށް ބޭނުންވާ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެންސްޕާ މެދުވެރިކޮށް މެލޭޝިއާއަށް ގެންދިއުމަށް 25،000 ޑޮލަރު (385،500 ރުފިޔާ) ހަމަޖައްސައިދީފައިވެއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާގެ ދައްތަ ބުނެފައިވަނީ، ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށެވެ.
އަދި އެ ވަގުތު އެތަނުގައި ހަތަރު މީހުން ތިބިކަމަށް ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންނާއި އަދި މިކަމަށްޓަކައި ހާއްސަކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެފެއްދެވި ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.




