ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އިހްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މަންމައިންގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
”ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން.“ މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.
މަންމައިންގެ ދުވަހުގެ މުނާސަބަތުގައި، މަންމައިންގެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރައްވަމުން، މެޑަމް ސާޖިދާ ވަނީ ހުރިހާ މަންމައިންނަށް މިދުވަހުގެ މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.
ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައިން އުފުލާ ބުރަ މަސައްކަތާއި އަގުނުކުރެވޭ ގުރުބާނީގެ އަގުވަޒަންކުރުމެވެ.



