ކުޑަކުއްޖަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވުނު ފިޒިއޯތެރަޕީ ކްލިނިކް ހެލްތް މިނިސްޓްރީން ސަސްޕެންޑް ކޮށްފިއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބުނު ގޮތުގައި ކްލިނިލް ސަސްޕެންޑްކޮށް މި މައްސަލައާއި ގުޅޭ އިތުރު ތަޙުޤީޤުތައް ހެލްތު މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.
މި މައްސަލައިގައި މިއަދު ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 5 ވަނަ ދުވަހު ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް ޖިސްމާނީގޮތުން އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސަމާލުކަމަށް އައި ހިސާބުން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
”މި މައްސަލައިގައި ކުއްޖާއަށް އަނިޔާވާފަދަ އަމަލެއް ހިންގި މުވައްޒަފާއި، އެ ވަގުތު އެތަނުގައި ހުރި އަނެއް މުވައްޒަފު ވަޒީފާއިން ވަކިކޮށްފިން. އަދި މައްސަލަ ބެލުމަށް ވަގުތު ދިނުމުގެ ގޮތުން ކްލިނިކް ވަގުތީގޮތުން ބަންދުކޮށްފައިވާނެ.“ ކްލިނިކުގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ އެނގުނު ހިސާބުން ފުލުހުންގެ ސަމާލުކަމަށް ގެނެސް، މައްސަލައާ ގުޅޭ ތަޙްޤީޤަށް ސީސީޓީވީ ފުޓޭޖް ހަވާލުކޮށްފައިވާ ކަމަށް ކްލިނިކުން މަޢުލޫމާތު ދީފައިވެއެވެ.
އަދި މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭ ކަމަށާއި، ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


