ސްރީ ލަންކާގެ ފަރުބަދަމަތީ ސަރަހައްދެއްގައި ބަހެއް ވެއްޓި 21 މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ކޮލަންބޯއިން އިރުމަތީގައި 140 ކިލޯމީޓަރު ދުރުގައިވާ ކޮޓްމާލޭ ކައިރީގައެވެ.
ލަންކާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޕްރަސައްނާ ގުނަސަނެ ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ބަހުގައި 70 އަށް ވުރެ ގިނަ މީހުން ދަތުރުކުރަމުން ދިޔައެވެ.
”އާންމުން އެހީ ނުވި ނަމަ، މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ.“ އޭނާ ވިދާޅުވިއެވެ.
ހާދިސާ ހިނގި ތަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒަޚަމްވި މީހުން ވަނީ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި ކައިރީގައި ހުރި ދެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
ލަންކާގައި މިފަހުން ވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ ހަ މީހުން ވެސް މަރުވެފައި އެވެ.
މިދިޔަ ހުކުރު ދުވަހު ހެދުނު ހިނގި ހާދިސާގައި ވެއްޓިފައި ވަނީ ސްރީ ލަންކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ބޭނުން ކުރާ ބެލް 212 މަރުކާގެ ހެލިކޮޕްޓަރެކެވެ.
އެ އުޅަނދު ވެއްޓިފައި ވަނީ ސްރީ ލަންކާގެ މެދުއުތުރު ޕުރޮވިންސުގައި އޮތް ”މާދުރު އޮޔެ“ގެ ނަން ދީފައިވާ ފެންގަނޑަކަށް ކަމުގައި ރިޕޯޓުތައް ބުނެ އެވެ.




