ބޮލީވުޑްގެ ފަންނާނުންނަކީ އަބަދުވެސް އެމީހުންގެ ފޭނުންގެ ފަރާތުން އެކިއެކި ފާޑުކިޔުންތައް އަމާޒުވާ ބައެކެވެ. އެމީހުންގެ އެކްޓިންގްގެ ސަބަބުން ނުވަތަ އެމީހުންނަށް ކުރެވޭ ކުޑަކަމަކުން ވެސް، ގިނަ ބައެއްގެ ތައުރީފާ ފާޑުކިޔުންވެސް ނުހަނު ހަލުވި ސްޕީޑުގައި އެ ފަންނާނުންނަށް އަމާޒުވެއެވެ.
އެފަދައިން ގިނަ ބަޔަކު އާންމުކޮށް ފާޑުކިޔާ އެއް ތަރިއަކީ ޖެކީ ޝްރޮފްގެ ފިރިހެން ދަރި ޓައިގަރ ޝްރޮފް އެވެ. އޭނާގެ ގިނަ ފިލްމުތަކަކީ ނާކާމިޔާބު ފިލްމުތަކެއް ކަމުގައިވި ނަމަވެސް، ޓައިގަރ ޝްރޮފް އަކީ ނެށުމުގެ ހުނަރު ވަރަށް ރަނގަޅަށް ލިބިފައިވާ ފަރާތެއްކަން ގިނަ މީހުން ޤަބޫލު ކުރެއެވެ.
އެގޮތުން ޓައިގަރ މިވަނީ ޒީސިނޭ އެވޯޑްސްގައި އޭނާ ހުށަހަޅައިދިން ހުށަހެޅުމުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ނަމަވެސް އޭގެ ތެރޭގައި ގިނައީ އޭނާ އެ ހުށަހެޅުމުގައި ލައިގެން ހުރި ހެދުމުގެ ސަބަބުން ފާޑުކީ މީހުންނެވެ.
އެ ނެށުން ހުށަހަޅައިދޭން ޓައިގަރ ލައިގެން ހުރީ ކަޅު ކުލައިގެ ލެދަރ ފަޓުލޫނަކާއި ވިދާ ފޮތިން ހަދާފައިވާ އަތް ނެތް ކްރޮޕް ޓޮޕެކެވެ. އޭނާގެ ހުށަހެޅުމުގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އެގޮތުން އެކަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ، ޓައިގަރ ފަދަ ބޮޑީ ބިލްޑު ކުރާ މީހަކު އެފަދަ ގަޔަށް ބާރު ކުރު ޓޮޕެއް ލައިގެން ހުރުމުން، ބަލައިލަން ހުތުރު ކަމަށެވެ. އެހެން މީހަކު އަހާފައިވަނީ، ޓައިގަރ ލައިގެން ހުރީ ޝްރަދާ ކަޕޫރުގެ ނުވަތަ އަނަންޔާ ޕާންޑޭގެ ޓޮޕެއް ތޯއެވެ. އިތުރު މީހަކު ބުނެފައިވަނީ، ޓައިގަރ އަވަހަށް ސްޓޭޖަށް އަރަންވެގެން އޭނާގެ ކުރީގެ ލޯބިވެރިޔާ ދިޝާގެ ޓޮޕެއް ލައިގެން ސްޓޭޖަށް އެރުނީ ކަމަށެވެ.
ލައިގެން ހުރި ކޮސްޓިއުމަށް މީހުންގެ ފާޑު ކިޔުން އަމާޒުވިނަމަވެސް، ޓައިގަރ ގެ އެ ނެށުމަށްވެސް ގިނަ ބަޔަކު ވަނީ ތަރުހީބުދީ، ތައުރީފު ވެސް ކޮށްފައެވެ.




