އިޒްރޭލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުންދާތީ، އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާއިން ދީފިއެވެ.
މި ތިން ގައުމުގެ ލީޑަރުން މި އިންޒާރު ދީފައިވަނީ، މުޅި ޣައްޒާ ހިފުމުގެ މަސައްކަތް ފެށުމަށްއިސްރާއީލްގެ ސަރުކާރުން ނިންމުމާއި، މާޗް 2 އިން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި އޮތުމާ ގުޅިގެންނެވެ.
ޣައްޒާއަށްއިންސާނީ އެހީއަށް ހުރަސްއަޅައި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް ކުރާ މަޖުބޫރަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް މި ތިން ގައުމުގެ ލީޑަރުން ވަނީ ފާހަގަކޮށްފައެވެ.
މި އިންޒާރާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާއަށް އަސާސީ ކާބޯތަކެތި ވެއްދުމުގެ ހުއްދަ ދޭނެކަން އިއުލާންކޮށްފައެވެ. އަދި އ.ދ. އިން މިއަދު ހާމަކުރި ގޮތުގައި އިންސާނީ އެހީގެ 100 އުޅަނދު ޣައްޒާއަށް ވަނުމުގެ ހުއްދަ ލިބިފައިވެއެވެ.
ނަމަވެސް އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް 73 މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި 53,475 މީހުން ޝަހީދުވެފައިވާއިރު، 121,398 މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އިޒްރޭލުން އެމީހުންގެ ހަމަލާތައް ހުއްޓާނުލައި އަދި އެހީއަށް ހުރަސްއަޅާފައި އޮތްއޮތުން ދަމަހައްޓާނަމަ، އިތުރު ފިޔަވަޅުތައް އަޅާނެކަމަށް މި ތިން ގައުމުގެ ލީޑަރުން ވަނީ އަންގާފައެވެ.



