ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެވިފައިވަނީ ވައިގެމަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ޝިޕްމަންޓް ބަލައި ފާސްކުރުމަށް ފަހުގައި ކަމަށެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން އެވެ.
އަދި މި މަސްތުވާތަކެތީގެ ޕެކިންއާއެކު ޖުމްލަ ބަރުދަނަކީ 3.6 ކިލޯގްރާމެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ ކަމަށާއި، އެ ތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.


