މޯލްޑިވްސް އެކްސްޕޯ 2025 ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދިން ގޮތުގައި، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން އިންތިޒާމްކޮށްގެން އަރުވާ ހަވާ މިރޭ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން 8:45 ގައި ފަސް މިނެޓަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް އެކްސްޕޯ 2025 އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
މި އެކްސްޕޯގައި ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެއެވެ.
އެކްސްޕޯގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ. ތުޅާދޫއިންނެވެ. މި އެކްސްޕޯގައި 3،600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމް ކުރި މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.



