ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 53،762 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޝަހީދުކޮށްލާފައިވާ 53،762 މީހުންގެ ތެރޭގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލި ފަހުން، 18 މާޗް 2025 އިން 22 މޭއި 2025 ގެ ނިޔަލަށް ޝަހީދުކޮށްލާފައިވާ 3،613 މީހުން ހިމެނެއެވެ.
މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން 19 ޖެނުއަރީ 2025 އިން 17 މާޗް 2025 އަށް 170 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އިމާރާތްތައް ވެއްޓިގެން ޝަހީދުވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުތައް ވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އިސްރާއީލުން އަދިވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، މިއަދު ހެނދުނުން ފެށިގެން އެކަނި 80 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މި ހަމަލާތަކުގައި އާންމު ރައްޔިތުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލަމުން ދިޔަ ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާގެ މަދަނީ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
މި ހަމަލާތަކުގައި ގިނަ އަދަދެއްގެ މަދަނީ ވަސީލަތްތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.



