ބޮލީވުޑްގެ ސުޕަރހިޓް ފިލްމުތަކަށް ބަލާއިރު، ”ހޭރާ ޕޭރީ“ އަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމެކެވެ.
އެގޮތުން 2000 ވަނަ އަހަރު ނިކުތް މި ނަމުގެ ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުންއިރު، 2006 ވަނަ އަހަރު ރިލީޒްވި ”ހޭރާ ޕޭރީ 2“ އަށް ވެސް ހަމަ އެހާމެ ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.
ޚާއްސަކޮށް މި ފިލްމުގެ ލީޑް ރޯލު އަދާކުރާ އަކްޝޭ ކުމާރް، ސުނީލް ޝެޓީ އަދި ޕަރޭޝް ރަވާލްގެ ހުނަރުވެރި އެކްޓިންގާއި ދައްކުވައިދީފައިވާ ގާތް ގުޅުމަށް ގިނަ ބަޔަކު ސަނާ ކިޔައި، އެއީ މި ފިލްމު ކާމިޔާބުވީ އެންމެ ބޮޑު ސަބަބު ކަމުގައިވެސް ބުނެފައިވެއެވެ.
އޭގެފަހުން މިދިޔަ އަހަރު، އަކްޝޭގެ ފިލްމު ޕްރޮޑަކްޝަން ކަމަށްވާ ”ކޭޕް އޮފް ގުޑް ފިލްމްސް“ އިން ވަނީ ”ހޭރާ ޕޭރީ“ ފްރެންޗައިޒް ގަނެ، ”ހޭރާ ޕޭރީ 3“ އުފައްދައި މިއަހަރު ރިކީޒް ކުރާނެ ކަމަށް އިއުލާނު ކޮށްފައެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރިޔަދަރްޝަން އެވެ. ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނިމި، އައިޕީއެލްގައި އެ ފިލްމުގެ ޓީޒަރެއް ވެސް ދައްކާލާފައި ވަނިކޮށް، އެ ފިލްމު ނުކުޅޭނެ ކަމަށް ޕަރޭޝް ރަވާލް މިހާރު ވަނީ ބުނެފައެވެ.
މިމަހުގެ 18 ވަނަ ދުވަހު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ޕަރޭޝް ބުނީ، އޭނާ އެ ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށާއި އެކަން ފިލްމުގެ އެހެން އެކްޓަރުންނަށާއި ޑައިރެކްޓަރ ޕްރިޔާދަރްޝަނަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ”މިޑް ޑޭ“ އަށް ދިން އިންޓަވިއު އެއްގައި ޕްރިޔަދަރްޝަން ވަނީ، ޕަރޭޝް އެއްވެސް ކަމެއް ކުރިން އެންގިކަން ދޮގުކޮށްފައެވެ.
”އަހަރުމެންނަށް އެކަން އެނގުނީ އެކްސްއިން އެ ޕޯސްޓު ފެނުނީމަ. އަކްޝޭ އެވަގުތު ވެސް އޭނަ (ޕަރޭޝް) އާ ވާހަކަ ދައްކައި، އެފަދަ ނިންމުމެއް ކުއްލިއަކަށް ނިންމީ ކީއްވެތޯ އެހި. އަދި އެހެން ނުހަދަން ވެސް އާދޭސް ކުރި. ޕަރޭޝް އެއް ސަބަބެއް ނުބުނި، އަދި މި ފިލްމު ނުކުޅޭނެ ކަމަށް ހަމަ ބުނީ. އަކްޝޭއަށް ހުރީ ރޮވިފަ. އަހަރެން ކައިރީ އެހި ޕަރޭޝް ތިމަންނާމެންނަށް މިހެން އެހަދަނީ ކީއްވެހޭ“ ޕްރިޔަދަރްޝަން ބުންޏެވެ.
ކޮންމެހެނަކަސް މިއީ އެ ފިލްމަށާއި އަކްޝޭއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށްވާތީ، އަކްޝޭގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ ޕަރޭޝް އާ ދެކޮޅަށް މިހާރު މައްސަލަ ޖައްސައި، މިކަމުގެ ބަދަލެއްގެ ގޮތުގައި ޕަރޭޝް އަތުން 25 ކްރޯޑް ރުޕީސް ހޯދުމުގެ މަސައްކަތް ފަށާފައެވެ.



