ތިމާގެ އަނބިމީހާ އުފަލުގައި ބެހެއްޓޭނީ ކިހިނެއްތޯ، މިއީ ވަރަށް ގިނަ ފިރިހެނުން ކުރާ ސުވޭލެކެވެ. އަނބިން ގިނަ ފަހަރަށް ތިބެނީ ރުންކުރުވެފައި، ނުވަތަ ސުވާލު ގިނަވެ، ޝައްކު ކުރުން ގިނަވެ، ނުބައިކޮށް ކަންކަމާމެދު ވިސްނައި، ގިނަ ފަހަރަށް ފިކުރުތަކެއްގައި ކަމަށް ބުނެ ފިރިން ކުރާ ޝަކުވާތަށް މަދެއް ނޫނެވެ.
”މެރިޖް ޑޮޓް ކޮމް“ އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، އަނބިން ގިނަ ފަހަރަށް މިހެން އުޅެނީ އެމީހުން ބޭނުންވާ އުފާވެރިކަން ފިރިމީހާގެ ކިބައިން ނުލިބޭހެން، ނުވަތަ އެކަން ފަނޑުވާހެން ހީވުމުން ކަމަށެވެ. އަދި އެފަދަ އިހުސާސްތައް އަލުން އަށަގަނެވޭނެ އުކުޅުތަކެއް ވެސް އެ ދިރާސާ ރިޕޯޓުގައި ވަނީ ކިޔައިދީފައެވެ.
އެގޮތުން އަނބިންދެކެ ލޯބިވާ މިންވަރާއި، އަނބިންގެ މުހިންމުކަން ބަހާއި އަމަލުން ވެސް ދެއްކުމަކީ ކައިވެންޏެއްގައި ވަރަށް މުހިންމު ކަމެއް ކަމުގައި އެ ދިރާސާއިން ބުނެފައިވެއެވެ.
މިސާލަކަށް ބުނާނަމަ، އަނބިމީހާ ކުރިންލީ ހެދުމެއް އަލުން ލައިގެން އައި ކަމުގައި ވިޔަސް، ފެންވަރާ ރީތިވެގެން އޭނާ އައުމުން އޭނާ ފެނުމުން އެ އުފާވެރިކަން މޫނުމަތިން ދެއްކުމަށާއި އޭނާގެ ރީތިކަމަށް ކުޑަނަމަވެސް ތައުރީފެއް ކޮށްލުން މުހިންމުކަން އެ ދިރާސާގައި ބުނެފައިވެއެވެ.
މިޒަމާނުގައި ގިނަ އަނބިންނަކީ ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުން ކަމަށްވާއިރު، އަނބިން އަމިއްލައަށް ކުރަން އުޅޭ ކަމެއް ނުކުރެވިއްޖެނަމަ ވެސް ފިރިމީހާ ގާތުގައި ހުންނާނެކަމަށް ވިސްނާ ދިނުމަކީ ގޯހެއް ކަމުގައި ދިރާސާއިން ބުނެފައިވެއެވެ. އޭގެ ބަދަލުގައި އަނބިމީހާއަށް ވިސްނައިދޭންވީ، ފިރިމީހާ ވެސް ގާތުގައި ހުރި ކަމަށާއި ނަމަވެސް ހިތްވަރާއެކު އަމިއްލައަށް އަދިވެސް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ކާމިޔާބު ވާނެ ކަމުގެ ހިތްވަރާއި އުންމީދު އަނބިންނަށް ދިނުން ވަރަށް މުހިންމުކަން ދިރާސާއިން ފާހަގަ ކޮށްފައިވެއެވެ.
އަނބިންނަކީ ނުވަތަ އަންހެނުންނަކީ ގެއެއްގެ މައި ތަނބެވެ. އޭނާ މަސައްކަތުގެ މާހައުލުގައާއި ގޭތެރެ ބެލެހެއްޓުމުގައި ވެސް ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އެހެންކަމުން، ފިރިމީހާގެ ދިރިއުޅުމަށް އަނބިމީހާ އައުމަށްފަހު އައިސްފައިވާ ހެޔޮ ބަދަލުތައް ކިޔައިދިނުމަކީ ވެސް އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ.
އޭނާއަށްް ކުށެއް ކުރެވިއްޖެނަމަ އެވާހަކަ އޭނާއާ ދައްކައި، ރީތިކޮށް ވިސްނައި ދީނުން މުހިންމުކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ޚާއްސަކޮށް އަންހެނުންނަކީ ވަރަށް ފަސޭހައިން ރުޅިގަދަވުން، އެމީހުންގެ އުފެދުމުގައިވެސް އަށަގެންފައިވާ ބަޔަކަށްވާއިރު، ކަންކަމާ އޭނާއާ މަޑުމައިތިރިކޮށް ވާހަކަ ދެއްކުން މުހިންމު ކަމުގައި ވެސް ބުނެފައިވެއެވެ.



