ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫ ފުޓްސަލް ދަނޑާއި މަގު ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.
މަހިބަދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ މަހު ފުޓްސަލް ދަނޑުގައި ހުރި ކުރީގެ ޓާފްތައް ނެގުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.
މަހިބަދޫ މަގު ހެދުމުގެ މަޝްރޫއަށް ބަލައިލާ އިރު، އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. 42.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު 420 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްތައް ހިމެނެއެވެ.
އާރުޑީސީން ދަނީ ރަށްރަށުގެ ހުއްޓިފައިވާ މަގުތައް ހެދުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރަމުންނެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ގިނަ އަދަދެއްގެ ރަށްރަށުގެ އުމްރާނީ މަސައްކަތްތައް ހުއްޓިފައިވާއިރު، ސަރުކާރުން މިހާރު ގެންދަނީ ހުއްޓިފައިހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ.



