ހުޅުމާލޭ ބުރެވިގަސް މަގުގައި ހުރި ލޮޓެއް ކައިރީގައި މިއަދު މެންދުރު ހިނގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކައް މައުލޫމާތު ދެމުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު 13:00 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި ރިޕޯޓާއި ގުޅިގެން ފުލުހުން ސީންއަށް އެޓެންޑްވެ ބެލިބެލުމުން އެނގުނު ގޮތުގައި، އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާ އާ ދެމެދު ހިނގި މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ބައިވެރިވެ ހަމަނުޖެހުން ހިނގާފައިވެއެވެ.
މި މާރާމާރީގައި، އެކަކުގެ ބޯ ފެޅި، ތަފާތު ކުދި އަނިޔާތައް އެ ދެމީހުންނަށް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު ދެމީހުންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި އެ ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



