މައްކާގެ މަސްޖިދުއްނަމިރާގައި މިއަހަރުގެ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވުމަށް މަސްޖިދުލްޙަރަމްގެ އިމާމު ޝައިޚް ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަނޑައަޅުއްވައިފިއެވެ.
ސައުދީގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒް މިގޮތަށް ނިންމަވައި މި ނިންމެވުން މިއަދު ވަނީ ހާމަ ކުރައްވާފަ އެވެ.
ކޮންމެ އަހަރަކު ވެސް މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ރަސްގެފާނެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ޢަރަފާތު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
މަސްޖިދުލް ޙަރަމްގެ އިމާމުކަމުގެ މަޤާމަށް ޝައިޚް ޞާލިޙު އައްޔަނުކުރެވުނީ 1983 ވަނަ އަހަރު، އެ މަނިކުފާނުގެ އުމުރުފުޅުން 33 އަހަރުގައެވެ.
އިލްމީ ގޮތުން ފާހަގަކޮށްލެވޭ ޝައިޚް ޞާލިޙަކީ އުމުރުފުޅުން 20 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ބޭކަލެކެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރެއްވީ ބުރައިދާގައެވެ.
ޝައިޚް ޞާލިޙުގެ އިލްމީ ކާމިޔާބީތަކުގެ ތެރޭގައި، 1975 ވަނަ އަހަރު މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމާއި، އޭގެ ފަހުން އެ ޔުނިވަރސިޓީން މާސްޓަރސް އަދި ޑޮކްޓަރޭޓް ޑިގްރީ ހާސިލުކުރެއްވުން ހިމެނެއެވެ.
ޢަރަފާތު ދުވަހަކީ ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ދުވަސް ކަމުގައިވާއިރު، ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވަނީ ރަސޫލާ ﷺ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވި މަޤާމުގައި ބިނާކޮށްފައިވާ މަސްޖިދުއްނަމިރާގައެވެ. މި މިސްކިތަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.
މި އަހަރުގެ ހައްޖު މޫސުމަށް ދިވެހިރާއްޖެއަށް 1,000 ކޯޓާ ލިބިފައިވާއިރު، ހައްޖުވެރިން މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.



