ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފިއެވެ.
މި މަގާމުން ޒީނިޔާ ވަކިކޮށްފައިވަނީ ބްރޯޑްކޮމްގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށްފައިވެއެވެ.
އަދި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެ ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ.
މި މަހުގެ 20 ވަނަ ދުވަހު، ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުރި ޒީނިޔާ ވަނީ 96 ގަޑިއިރަށް ސަސްޕެންޑްކޮށްފައެވެ. އެ ސަސްޕެންޝަނާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ ވަޒީފާއަށް ނުނިކުމެ ހަޅުތާލުވެސްކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަގާމުން ވަކިކުރި ޗިޓް ޒީނިޔާއާ ހަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 ގެ ފަހުންނެވެ.
މިކަމާއި ގުޅިގެން ބްރޯޑްކޮމުން އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.



