ބ. އޭދަފުށި ފަތާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު މަޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީއެވެ.
އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހުއެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި މަޝްރޫއުގެ ތެރޭގައި ފަތާ ސަރަހައްދެއް ހެދުމަށްޓަކައި ފަޅު ތެރެއިން 15،914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ޖެހުމާއި 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އަދި މި މަޝްރޫއަކީ 4.63 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނިގޮތުގައި، ވޭތުވެދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ހިންގައި ކާމިޔާބު ކަމާއި އެކު ނިންމާފައެވެ.
އަދި 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ، ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ.




