ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ކުންފުންޏަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.
މި ހުއްދަ ދޫކޮށްފައިވަނީ 19 މޭ 2025 ވަނަ ދުވަހުއެވެ.
އެމްއެމްއޭ އިން މި ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެމްއެފްއެލްސީ އަށް ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކަކަށް ބަދަލުކުރުމަށެވެ.
އަދި ބީއައިސީ ބޭންކް މޯލްޑިވްސްއަށް ހުއްދަ ދީފައިވަނީ އެ ނަމުގައި ޓިއަރ 1 ބޭންކެއް ޤާއިމްކުރުމަށެވެ.
އެމްއެމްއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދެ ކުންފުންޏަށް ބޭންކިންގ ޚިދުމަތް ފެށުމުގެ ހުއްދަ ލިބޭނީ އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުންނެވެ. މި ޝަރުތުތައް ފުރިހަމަކުރުމަށްފަހު، ދެ ކުންފުންޏަށްވެސް ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ފުރިހަމަ ހުއްދަ ދެވޭނެއެވެ.
އެމްއެމްއޭ އިން ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.



