އެއްބަސްވުމެއް ނޯޓަރައިޒްކުރުމުގައި އޮޅުވާލި މައްސަލައެއްގައި ގާނޫނީ ވަކީލުކަންކުރާ ދެމަފިރިއެއްގެ ވަކީލްކަމުގެ ހުއްދަ ރާއްޖޭގެ ބާ ކައުންސިލުން ހިފަހައްޓައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާ ހިލާފުވުމާ ގުޅިގެން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ޖަލްސާއަކުންނެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް، ވަކީލު ޒުންނަވާރު ސަލީމް ވަނީ އެ ސިއްކައިގައި މެހެނާޒްގެ ސޮއިކޮށް އެއްބަސްވުން ނޮޓަރައިޒްކޮށްފައެވެ.
ބާ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ދެ ވަކީލުންގެ އަމަލަކީ ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ސައްހަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެފަދަ އަމަލުތަކެކެވެ. އަދި މިފަދަ އަމަލުތަކަކީ އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެ ކަމެއްކަމަށްވެސް ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ބެލި ޕެނަލުން ނިންމާފައިވަނީ މި އަމަލުތަކަކީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަދި ގާނޫނާ ހިލާފު އަމަލުތަކެއްކަމަށެވެ.
އެހެންކަމުން، މެހެނާޒްގެ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް އަދި ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.


