ޑިޕްރެޝަން ނުވަތަ ނަފްސާނީ ބައްޔަކީ ހަގީގަތުގައި ވެސް ހުންނަ އެއްޗެއްކަން މިހާރު ގިނަ މީހުން ގަބޫލު ކުރެއެވެ. ނަމަވެސް ގިނަ މީހުންނަށް އަދިވެސް އެނގިފައިވާ ގޮތުގައި، ޑިޕްރެޝަނަކީ ހަމައެކަނި އެމީހެއްގެ އަމިއްލަ ދިރިއުޅުމުގައިވާ ކަންކަމާ ގުޅިގެން ކުރިމަތިވާ ކަމެކެވެ.
އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސް އިން 2020 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، ވަޒީފާގެ މާހައުލުގެ ސަބަބުން ވެސް ޑިޕްރެޝަންގެ ޝިކާރައަކަށް ބައެއް މީހުން ވެފައިވާ ކަމަށެވެ.
އެ ރިޕޯޓުން ބުނެފައިވާ ގޮތުގައި މާގިނަ އިރު މަސައްކަތް ކުރުމުންނާއި، ބަންދު ދުވަސްތަކުގައި ވެސް މަސައްކަތް ކުރަން ޖެހުމުން އަދި ވަޒީފާގެ މާހައުލު ރަނގަޅު ނޫންނަމަ، ގިނަ އަދަދެއްގެ މުވައްޒަފުން ޑިޕްރެޝަންގެ ޝިކާރައަކަށް ވެއެވެ. އޭގެ ތަފްސީލެއް ކިޔައިދެމުން އެ ރިޕޯޓުގައި ބުނެފައިވަނީ ގިނަ ވަގުތު މަސައްކަތް ކުރުމުންނާއި ބަންދު ދުވަސްތަކުގައި ވެސް މަސައްކަތް ކުރަން ޖެހުމުން، އިންސާނުންގެ ސިކުނޑިއާއި ހަށިގަނޑަށް ބޭނުންވާ ވަރަށް އަރާމު ނުކުރެވޭނެ ކަމަަށެވެ. އަދި ތިމާ އުޅޭ ވަޒީފާގެ އިސްކޮށް ތިބޭ މީހުންގެ ފަރާތުން އަބަދުމެ ހަރުކަށި ބަސްތައް އިވުމާއި ތަފާތު ކުރުން އިހުސާސްވުމުގެ އިތުރުން އެކުގައި މަސައްކަތް ކުރާ މީހުންނާވެސް މައްސަލަ ޖެހި، ބާކީކޮށްލުމާ ކުރިމަތިލާން ޖެހިއްޖެނަމަ، އެފަދަ ޑިޕްރެޝަންއާ ކުރިމަތިވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ވަޒީފާގެ ޑިޕްރެޝަން ހުރިކަމުގެ ބައެއް ނިޝާންތައް ކަމުގައި އެ ރިޕޯޓުން ފާހަގަ ކޮށްފައިވަނީ:
° މަސައްކަތަށް ގަޑިއަށް ހާޒިރު ނުވެވުން
° މަސައްކަތް ކުރަން ފޫހިވުން
° އެކުގައި މަސައްކަތް ކުރާ މީހުންނާ ވާހަކަ ދައްކާހިތް ނުވުން
° މަސައްކަތުގެ މާހައުލުގައި އެހެން މީހުން ބައިވެރިވެގެން ކުރާ ކަންކަމުގައި ބައިވެރިވާހިތް ނުވުން
° މަސައްކަތަށް ފަރުވާ ކުޑަވެ، ކަމެއް ރަނގަޅު ކުރާނެ ހިތްވަރު ނުލިބުން
° މަސައްކަތް ކުރާއިރު އަބަދުވެސް ނިދިއައުން
° އަވަހަށް މަސައްކަތު ގަޑި ނިމޭނެ އިރަކަށް ބަލަބަލާ އިނުން
ލޭބަރ ސްޓެޓިސްޓިކްސް ރިޕޯޓުގައި ބުނެފައިވަނީ، ވަޒީފާގައި އުޅޭއިރު މިފަދަ ނަފްސާނީ ބަލިކަށިކަމާ ކުރިމަތިވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު އަމިއްލަ ދިރިއުޅުމަށާއި އަދާކުރާ ވަޒީފާއަަށް ވެސް ކުރާނެ ކަމަށެވެ. އެގޮތުން އަމިއްލަ ދިރިއުޅުމުގައި، އަމިއްލަ އުފަލަށް ކަންކަން ކުރަން ފޫހިވެ، އެކަނި އުޅުމަށް ލޯބިކުރަން ފެށުމާއި ވަޒީފާގައި ކުރާ މަސައްކަތްތަކަށް ފަރުވާ ކުޑަ ކުރެވުމާއި އެ މަސައްކަތްތަށް އިތުރަށް ކުރަން ހިތްވަރު ނުލިބުން ހިމެނޭ ކަމުގައި ބުނެފައިވެއެވެ.
މިކަމުގެ ފަރުވާއެއްގެ ގޮތުގައި އެ ރިޕޯޓުގައި ބުނެފައިވަނީ ޑޮކްޓަރަކަށް ދައްކައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ އިތުރުން ތިމާއަށް ހެޔޮ އެދޭ މީހުންނާ ވާހަކަ ދައްކައި ވަގުތު ހޭދަކުރުމަށެވެ. އަދި އެފަދަ މީހުންގެ ވާހަކަތަށް އަޑުއެހުމަށް މުޖުތަމައު އަށްވެސް ގޮވާލާފައިވެއެވެ.



