ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވާނެކަން އެމަނިކުފާނު ހާމަކުރައްވައިފި އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ގެނެސްދިން ”ރައްޔިތުންނާއެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ 1000 ކޯޓާގައި އެމަނިކުފާނާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަޑައިގަންނަވަން އުޅުއްވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން އެވާހަކަތަށް ދޮގު ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އާންމުކޮށް ވެސް މީހުން ދޮގު ހަދައިގެން ވާހަކަ ދައްކައި އުޅުމަކީ ދެރަކަމެއް ކަމަށާއި އެމަނިކުފާނަށާއި އަދި މީގެ ކުރިން ވެރިކަން ކުރެއްވި ފަރާތްތަކަށް ވެސްދޭ ޚާއްސަ ފުރުސަތުތަކަކީ ކޯޓާ ތެރެއިންދާ ކަމެއް ނޫން ކަމަށެވެ.
އެފަދަ ފުރުސަތުތަކަކީ ކޯޓާގެ ބޭރުން ވަކިން ހަމަޖައްސައިދޭ ކަންކަން ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
”އަޅުގަނޑަށް ވަރަށް ޚާއްސަ ގޮތަކަށް މިކަންކަން ހަމަޖައްސައިދީފައި މިވަނީ. ވަކިން ފްލައިޓެއްވެސް ހަމަޖައްސައިދީފަ. އެއީ ވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ޖެހޭ ކަމެއް ނޫން. އަޅުގަނޑުގެ ޙައްޖުގެ އެއްވެސް ކަމަކީ ކޯޓާގެ ތެރެއިން ހިނގާކަމެއް ނޫން، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ވެސް ހިނގާ ކަމެއް ނޫން.“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޙައްޖުގެ ދަތުރުފުޅު ހަމަޖެހިފައިވަނީ ސައުދީ އަރަބިއާގެ މެހެންދާރީގެ ފަރާތުން، ސައުދީ ރޯޔަލް ކޯޓުން ކަމަށެވެ.



